ޢާންމު މަޢުލޫމާތު(IUL)304-EDS/304/2026/123
ކައުންސިލްގެ ހުއްދަނެތި ބިންތައް ބޭނުންކުރުމަކީ މަނާކަމެއްކަން އެންގުމާގުޅޭ:
މި ރަށުގެ އިޖުތިމާޢީ ކަންކަމަށް މީގެކުރިން މި ކައުންސިލުން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން، ދުވާފަރު ޞިއްޙީ މަރުކަޒުގެ އުތުރަށް އޮންނަ ހުސްބިމުގައި "މަސްވެރިންގެ ހިޔާ" ގެ ގޮތުގައި ހަދާފައިވާ ތަނާއި، ބްލޮކް ނަންބަރު 9 ގެ އުތުރަށް އޮންނަ ހުސްބިމުގައި "ފާނަ ހިޔާ" ގެ ގޮތުގައި ހަދާފައިވާ ތަންތަނަކީ، މީގެ ކުރިން އެތަންތަން ބޭނުންކުރުމަށް ކައުންސިލުން ހުއްދަދީފައިވާ ބޭނުމާއި ޚިލާފަށް މިހާރު ބޭނުންކުރެވެމުންދާ ތަންތަން ކަމުގައި ފާހަގަކުރެވިފައިވާތީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 7/2010) އިން ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން، މި ދެންނެވި ދެ ބިނާއަކީ މިހާރު މި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ކައުންސިލްގެ މިލްކުވެރިކަމުގެ ތަންތަން ކަމުގައި ޢާންމުކޮށް އިޢުލާންކުރަމެވެ.
ވީމާ، މި ތަންތަނަކީ މިހާރު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަން ކަމަށްވާތީ، ކައުންސިލްގެ ހުއްދައެއް ނެތި އެއްވެސް ފަރާތަކުން އެތަންތަން އެއްވެސް ބޭނުމަކަށް ބޭނުންކުރުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ.
މީގެ އިތުރުން، ވިޔަފާރި ކުރުމަށްޓަކައި ބީލަން އުޞޫލުން މި ކައުންސިލުން އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިންތައް ފިޔަވައި، ރަށުގެ އެހެނިހެން ބިންތަކާއި ޢާންމު ތަންތަން ވެސް ކައުންސިލްގެ ރަސްމީ ހުއްދައެއް ނެތި އެއްވެސް ބޭނުމަކަށް ހިފުމާއި، އެފަދަ ތަންތަނުގައި އެއްވެސް ޒާތެއްގެ ޢިމާރާތެއް ނުވަތަ އޮނިގަނޑެއް ހެދުމާއި އަދި އެއްވެސް ބާވަތެއްގެ ބޭނުމެއް ކުރުމަކީ ޤާނޫނީގޮތުން މަނާކަމެއް ކަމުގައި އަންގަމެވެ.
ކައުންސިލްގެ ހުއްދަނެތި މިފަދަ ތަންތަން ބޭނުންކުރަމުންދާ ފަރާތްތަކާމެދު، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ލާމަރުކަޒީ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އަޅަމުންދާނެ ވާހަކަ މި ފުރުޞަތުގައި ހަނދާންކޮށް އަރުވަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.