GazetteEnglish beta
Back to announcements

ޢާންމު މަޢުލޫމާތުނަންބަރު: 2026/5

ކުލަބު ޖަމްޢިއްޔާތަކަށް އެހީތެރިކަން ދިނުމާބެހޭ އުޞޫލު - ގދ. ފަރެސްމާތޮޑާ ކައުންސިލް

ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ތާރީޚު
ތަޢާރަފް:(ހ)މި އުޞޫލަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 7/2010) ގެ 22، 24 އަދި 151 ވަނަ މާއްދާއިން ގދ. ފަރެސްމާތޮޑާ ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން އެކުލަވައިލާފައިވާ އުޞޫލެކެވެ.
(ށ)މި އުޞޫލަށް ކިޔާނީ "ކުލަބު، ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި ކުޅިވަރު ޓީމުތަކަށް އެހީތެރިކަން ދިނުމާބެހޭ އުޞޫލު" އެވެ.
2.މަޤްޞަދު:މި އުޞޫލުގެ މައިގަނޑު މަޤްޞަދުތަކަކީ:
(ހ)ރަށުގެ އިޖުތިމާޢީ، އިޤްތިޞާދީ، ތަޢުލީމީ، ޘަޤާފީ އަދި ކުޅިވަރުގެ ދާއިރާތައް ކުރިއެރުވުމަށް މަސައްކަތްކުރާ ކުލަބު ޖަމްޢިއްޔާތަކަށް ހަމަހަމަކަމާއި ދެފުށްފެންނަ އުޞޫލަކުން އެހީތެރިކަން ފޯރުކޮށްދިނުން.
(ށ)ރަށާއި އަތޮޅު ތަމްސީލުކޮށް ވާދަކުރާ ކުޅިވަރު ޓީމުތަކަށާއި ޒުވާނުންނަށް ބޭނުންވާ އެހީތެރިކަން ދިނުމުގައި ދެފުށް ފެންނަ ހަރުދަނާ މިންގަނޑެއް ޤާއިމުކުރުން.
(ނ)ކައުންސިލުން ދޭ އެހީތަކަކީ ރަށުގެ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން އަދި ދައުލަތުގެ މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ދެވޭ އެހީތަކެއްކަން ކަށަވަރުކުރުން.
3.އެހީ ދެވޭނެ ދާއިރާތައްކައުންސިލުން މާލީ އަދި މާއްދީ އެހީ ދޫކުރެވޭނީ ތިރީގައިވާ ދާއިރާތަކަށެވެ:
(ހ)ކުޅިވަރުގެ ދާއިރާ: ޤައުމީ ފެންވަރުގައާއި، ޒޯން ނުވަތަ އަތޮޅު ފެންވަރުގައި ރަށް ތަމްސީލުކުރާ ރަސްމީ މުބާރާތްތަކުގައި ބައިވެރިވުމަށާއި ތަމްރީނު ހޯދުމަށް.
(ށ)އިޖުތިމާޢީ އަދި ޒުވާނުންގެ ހަރަކާތްތައް: ޒުވާނުން ބާރުވެރިކުރުވުމަށާއި، އިޖުތިމާޢީ އެއްބައިވަންތަކަން ޤާއިމުކުރުމަށް ހިންގާ ހަރަކާތްތައް.
(ނ)ތަޢުލީމީ އަދި ޘަޤާފީ ހަރަކާތްތައް: ހުނަރު އިތުރުކުރުމާއި، ކިޔެވުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށާއި، ރަށުގެ ތާރީޚާއި ޘަޤާފަތް ދިރުވުމަށް ހިންގާ ހަރަކާތްތައް.
(ރ)ރަށުގެ ތަރައްޤީގެ ޕްލޭންގައި ހިމެނޭ އެހެނިހެން މަޝްރޫޢުތައް.
4.އެހީއަށް އެދުމުގެ ޝަރުޠުތައްމި އުޞޫލުގެ ދަށުން އެހީއަށް އެދޭ ފަރާތްތަކުގައި ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާންވާނެއެވެ:
(ހ)ޖަމްޢިއްޔާތަކާ ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 3/2022) ގެ ދަށުން ކަމާބެހޭ ވުޒާރާއެއްގައި ނުވަތަ ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓަރީވެފައިވާ ސައްޙަ ޖަމްޢިއްޔާއެއް ނުވަތަ ކުލަބަކަށް ވުން.
(ށ)ޖަމްޢިއްޔާ ނުވަތަ ކުލަބުގެ ހިންގާ ކޮމިޓީގެ ދައުރު ހަމަނުވެ ދެމިއޮތުމާއެކު، އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓު ޤަވާޢިދުން ހުށަހަޅަމުންދާ (Active Status ގައިވާ) ޖަމްޢިއްޔާއަކަށް ވުން.
(ނ)ރަސްމީކޮށް ރަޖިސްޓަރީނުވެ ހިންގާ ކުޅިވަރު ޓީމުތަކަށް މާލީ (ފައިސާގެ) އެހީއަށް އެދެވޭނީ ރަޖިސްޓަރީވެފައިވާ ކުލަބު/ޖަމްޢިއްޔާއެއް މެދުވެރިކޮށެވެ. ރަޖިސްޓަރީނުވާ ޓީމުތަކުން އަމިއްލައަށް އެދޭނަމަ ދެވޭނީ ހަމައެކަނި މާއްދީ އެހީތެރިކަމެވެ.
(ރ)ކުރިން ކައުންސިލުން އެހީއެއް ދީފައިވާނަމަ، އެ އެހީއާ ގުޅޭގޮތުން ހުށަހަޅަންޖެހޭ ރިޕޯޓުތަކާއި ބިލްތައް ފުރިހަމައަށް ހުށަހަޅައި ހިސާބު ނިންމާފައިވުން.
(ބ)އެހީއަށް އެދެނީ ވަކި މުބާރާތެއް ނުވަތަ ދަތުރަކަށް ކަމުގައިވާނަމަ، އެ މުބާރާތެއް އިންތިޒާމުކުރާ ފަރާތުގެ ރަސްމީ ލިޔުމާއި ދަތުރުގެ ތަފްޞީލީ ޝެޑިއުލް ހުށަހެޅުން.
5.އެހީއަށް އެދި ހުށަހެޅުމާއި މުއްދަތު(ހ)އެހީއަށް އެދި ހުށަހަޅަންވާނީ ކައުންސިލުން ކަނޑައަޅާފައިވާ ފޯމު މެދުވެރިކޮށެވެ.
(ށ)ފޯމާއެކު ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ:
1.އެހީއަށް އެދޭ ހަރަކާތުގެ ނުވަތަ ދަތުރުގެ ތަފްޞީލީ ޕްރޮޕޯސަލް.
2.ޚަރަދުތަކުގެ އެސްޓިމޭޓް ބަޖެޓް (ބްރޭކްޑައުން).
3.ހަރަކާތް ނުވަތަ މުބާރާތް ހިންގާ ފަރާތުގެ ރަސްމީ ދަޢުވަތު ނުވަތަ ޝެޑިއުލް.
4.ޖަމްޢިއްޔާގެ ރަޖިސްޓްރީ ކޮޕީ އަދި ހިންގާ ކޮމިޓީގެ މެންބަރުންގެ ލިސްޓު.
(ނ)ކުއްލި ޙާލަތެއް މެދުވެރިވެގެން މެނުވީ، އެހީއަށް އެދޭ ހަރަކާތް ފެށުމުގެ މަދުވެގެން 15 (ފަނަރަ) ދުވަސް ކުރިން ކައުންސިލަށް ހުށަހަޅަންވާނެއެވެ.
6.އެހީ ފާސްކުރުމާއި މިންވަރު ކަނޑައެޅުން(ހ)މި އުޞޫލުގެ ދަށުން އެހީ ދޫކުރެވޭނީ އެ އަހަރަކަށް ފާސްކޮށްފައިވާ ކައުންސިލްގެ ބަޖެޓުގައި އެކަމަށް ފައިސާ ކަނޑައެޅިފައިވާ މިންވަރަކުންނެވެ.
(ށ)ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ފަންނީ ގޮތުންނާއި މާލީ ގޮތުން ދިރާސާކުރާނީ ކައުންސިލްގެ އިދާރީ ސެކްޝަނާއި މާލީ ޒިންމާދާރު ވެރިޔާއެވެ.
(ނ)އެހީ ދިނުމާއި ދޭނެ މިންވަރު ކަނޑައަޅާނީ ކައުންސިލްގެ މާލީ ޒިންމާދާރު ވެރިޔާ އެކަން ކައުންސިލަށް ހުށަހެޅުމުން، ކައުންސިލްގެ ރަސްމީ ޖަލްސާއަކުން ފާސްކޮށްގެންނެވެ.
7މަޞްލަޙަތު ފުށުއެރުން(ހ)އެހީއަށް އެދި ހުށަހަޅާފައިވާ ކުލަބު، ޖަމްޢިއްޔާއެއްގެ މުއައްސިސެއްގެ ގޮތުގައި، ނުވަތަ ހިންގާ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި، ނުވަތަ އެނޫންވެސް މަޞްލަޙަތެއް އޮތް ކައުންސިލް މެންބަރަކު އެ މައްސަލައެއް ނިންމާ ޖަލްސާގެ ބަޙުޘާއި ވޯޓުގައި ބައިވެރިވެގެން ނުވާނެއެވެ.
(ށ)އެފަދަ މަޞްލަޙަތެއް އޮތް މެންބަރަކު ވާނަމަ، އެ މައްސަލައަކާ ގުޅޭގޮތުން ވާހަކަދެއްކުމާއި ވޯޓު ނެގުމުގެ ކުރިން އެކަން ރިޔާސަތަށް ހާމަކޮށް، ޖަލްސާގެ އެ މައުޟޫޢަކުން ތަނާޒުލުވާން ވާން ވާނެއެވެ.
8.އެއްބަސްވުން ޤާއިމުކުރުމާއި ފައިސާ ދޫކުރުން(ހ)ކައުންސިލުން އެހީ ދިނުމަށް ފާސްކުރާ ފަރާތްތަކާއެކު، ފައިސާ ދޫކުރުމުގެ ކުރިން ދެފަރާތުގެ ދެމެދުގައި ރަސްމީ އެއްބަސްވުމެއް (MoU / Agreement) ޤާއިމުކުރަންވާނެއެވެ.
(ށ)އެއްބަސްވުމުގައި އެހީގެ ގޮތުގައި ދޫކުރާ ޢަދަދާއި، އެ ފައިސާ ޚަރަދުކުރެވޭނެ ދާއިރާތަކާއި، މާލީ ރިޕޯޓު ހުށަހަޅަންޖެހޭ މުއްދަތު ސާފުކޮށް ބަޔާންކުރަންވާނެއެވެ.
(ނ)ފައިސާ ދޫކުރާނީ ރަޖިސްޓްރީވެފައިވާ ޖަމްޢިއްޔާއެއްގެ ނުވަތަ ކުލަބެއްގެ ނަމުގައި ހުޅުވާފައިވާ ރަސްމީ ބޭންކު އެކައުންޓަށެވެ. އެއްވެސް ޙާލަތެއްގައި އަމިއްލަ ފަރުދެއްގެ އެކައުންޓަށް ފައިސާ ޖަމައެއް ނުކުރެވޭނެއެވެ.
(ރ)ރަޖިސްޓަރީނުވާ ޓީމުތަކަށް އެހީތެރިކަން ދޭނީ ކައުންސިލުން ސީދާ ޚަރަދުކޮށްގެން މާއްދީ އެހީގެ ގޮތުގައެވެ.
9.ރިޕޯޓިންގ އަދި ހިސާބު ނިންމުން(ހ)އެހީ ލިބުނު ހަރަކާތް ނުވަތަ ދަތުރު ނިމޭތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ތިރީގައިވާ ލިޔުންތައް ކައުންސިލަށް ހުށަހަޅަންވާނެއެވެ:
1.ހަރަކާތް ހިނގި ގޮތުގެ ޚުލާޞާ ރިޕޯޓު (ޙާޞިލުވި ނަތީޖާއާއެކު).
2.ފައިސާ ޚަރަދުކުރި ގޮތުގެ ތަފްޞީލީ މާލީ ރިޕޯޓު.
3.ޚަރަދުތަކުގެ އަސްލު ބިލްތަކާއި ރަސީދުތައް.
4.ހުށަހަޅާ ބިލްތަކާއި ރިޕޯޓުތައް ދައުލަތުގެ މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ޗެކްކޮށް ބަލައިގަންނާނީ ކައުންސިލްގެ މާލީ ޒިންމާދާރު ވެރިޔާއެވެ.
(ށ)ހަމަޖެއްސި ބަޖެޓަށްވުރެ މަދުން ޚަރަދުވެގެން ބާކީވި ފައިސާއެއްވާނަމަ، އެ ފައިސާ އަނބުރާ ކައުންސިލްގެ އެކައުންޓަށް ޖަމާކުރަންވާނެއެވެ.
10.އުޞޫލަށް އިޞްލާޙު ގެނައުން(ހ)މި އުޞޫލަށް އެއްވެސް ބަދަލެއް ނުވަތަ އިޞްލާޙެއް ގެނެވޭނީ ގދ. ފަރެސްމާތޮޑާ ކައުންސިލްގެ ރަސްމީ ޖަލްސާއެއްގައި މަޝްވަރާކޮށް، ހާޟިރުވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ.
11.ޢަމަލުކުރުން(ހ)މި އުޞޫލަށް ޢަމަލުކުރަން ފަށާނީ ގދ. ފަރެސްމާތޮޑާ ކައުންސިލްގެ ޖަލްސާއަކުން މި އުޞޫލު ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި އަދި ކައުންސިލްގެ އިދާރާގައި ޢާންމުކޮށް އިޢުލާންކުރާ ދުވަހުން ފެށިގެންނެވެ.
(ށ)މި އުޞޫލުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ، ދައުލަތުގެ މާލިއްޔަތު ޤަވާޢިދާއި ލާމަރުކަޒީ ޤާނޫނާ ފުށުނުއަރާނޭހެން އެކަމަކާމެދު ގޮތެއް ނިންމާނީ ކައުންސިލްގެ ޖަލްސާއަކުންނެވެ.
12.މާނަކުރުން(ހ)"ކުލަބު، ޖަމްޢިއްޔާ ޖަމާޢަތްތައް" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 3/2022 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ނުވަތަ ކުޅިވަރުގެ ޤާނޫނުގެ ދަށުން ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްގެން ހިންގާ މަދަނީ ޖަމްޢިއްޔާތަކަށެވެ.
(ށ)"ކުޅިވަރު ޓީމުތައް" ކަމަށް ބުނެފައި އެވަނީ، ރަޖިސްޓަރީވެފައިވާ ކުލަބު ޖަމްޢިއްޔާއަކުން ނުވަތަ ރަށު ފެންވަރުގައި އެކުލަވާލައިގެން ރަސްމީ މުބާރާތްތަކުގައި ރަށް ނުވަތަ އަތޮޅު ތަމްސީލުކުރާ ޓީމުތަކަށެވެ.
(ނ)"މާލީ އެހީ" ކަމަށް ބުނެފައި އެވަނީ، ކައުންސިލްގެ ބަޖެޓުން ދޫކުރެވޭ ފައިސާގެ އެހީތެރިކަމަށެވެ.
(ރ)"މާއްދީ އެހީ" ކަމަށް ބުނެފައި އެވަނީ، ފައިސާގެ އިތުރުން ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ވަސީލަތްތަކާއި، ތަކެއްޗާއި، ތަންތަން ބޭނުންކުރުމަށް ދެވޭ ހުއްދައާއި، ކައުންސިލުން ގަނެދޭ ތަކެއްޗަށެވެ.
(ބ)"މާލީ ޒިންމާދާރު ވެރިޔާ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ ދަށުން ކައުންސިލްގެ މާލީ ކަންކަން ބެލެހެއްޓުމަށް ކައުންސިލްގެ ރައީސްގެ ލަފާގެ މަތީން އެ މަސްއޫލިއްޔަތު އަދާކުރުމަށް ކަނޑައަޅާފައިވާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފު) އަށެވެ.

21 ޖުމާދަލްއޫލާ 1448

02 ނޮވެމްބަރ 2026

ބަގެއް ރިޕޯޓުކުރޭ

ދިމާވި މައްސަލައާއި އޭރު ކުރަމުންދިޔަ ކަންތައް ބުނެދީ. ޕާސްވޯޑާއި API ކީ ފަދަ ސިއްރު މައުލޫމާތު ނުލާށެވެ.

0 / 5,000 އަކުރު

މި ރިޕޯޓު ވަކި ޞަފްޙާއަކާ ނުގުޅޭނެ.